ކޮންމެ ޤައުމަކަށް ވެސް ލިބިފައިވާ އެންމެ ބޮޑު ފަޚުރަކީ އެބައެއްގެ އަމިއްލަ ވަންތަކަމެވެ. އަމިއްލަ މިނިވަންކަމެވެ. އަމިއްލަ ބާރާއި ގޮތްތަކެއް ހުރުމެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ވެސް އަމިއްލަ މިނިވަންކަން ލިބިފައިވާ ޤައުމެކެވެ. އަޅުގަނޑުމެންނަށް މި މިނިވަންކަން ހޯއްދަވައިދެއްވި ޝަރަފުވެރިންނަކީ، ޕޯޗުގީޒުންގެ އަތްދަށުން މި ޤައުމު ސަލާމަތް ކުރެއްވި އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި، އެމަނިކުފާނުގެ ކުޑަކުޑަ ލަޝްކަރެވެ. މިއީ އަޅުގަނޑުމެން ދިވެހިން ކޮންމެ އަހަރަކު ފާހަގަކުރަމުން އަންނަ ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ. އަޅުގަނޑުމެންގެ ޤައުމީ ދުވަހެވެ. 

 ދިވެހިރާއްޖޭގެ ރަދުން ޢަލީ ހަވަނަ ޝަހީދު ކޮށްލެއްވުމަށްފަހު ޕޯޗުގީޒުން ދިވެހިރާއްޖެއަށް އަނިޔާވެރިކަމާއި ބާރުވެރިކަން ހިންގަން ފެށީ ހިޖުރައިން 956 ވަނަ އަހަރު ޝަޢުބާން މަހެއްގެ ފުރަތަމަ ދުވަހުގައެވެ. އެއީ މީލާދީން 1558 ވަނަ އަހަރުގެ މެއިމަހުގެ 19 ވަނަ ދުވަހެވެ. ޕޯޗުގީޒުން ރާއްޖޭގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ އެ އަނިޔާވެރިކަން އެންމެ ދެކުނުގެ 3 އަތޮޅު (ހުވަދޫ، ފުވައްމުލަކު، އައްޑޫ) ފިޔަވައި އެހެން ހުރިހާ އަތޮޅަކަށް ފެތުރިގެން ދިޔައެވެ. ޕޯޗުގީޒުންގެ ވެރިއަކަށް ހުރި އަނދިއަނދިރިން މަސައްކަތް ކުރަމުން ދިޔައީ އިސްލާމްދީން ނައްތާލުމަށެވެ. އެހެންނަމަވެސް ދިވެހީން ތިބީ ނުގުޑާ ފަދަ ޢަޒުމެއްގައެވެ. މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެންނެވެ. 

 ޕޯޗުގީޒުންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔަ ހިނދުގައި ބޮޑުތަކުރުފާނު އިސްވެވަޑައިގެން ރާއްޖޭގެ ދިފާޢުގައި ނިކުމެވަޑައިގަތެވެ. މި ޖިހާދުގައި ބޮޑުތަކުރުފާނުގެ ބޭބޭފުޅު ޢަލީ ތަކުރުފާނާއި ކޮއްކޯފުޅު ޙަސަން ތަކުރުފާނު ޝާމިލުވިއެވެ. މިދެހާޖީންނާއެކު ޤައުމީ ވާޖިބު އަދާކުރެއްވުމަށް ޓަކައި މަޝްހޫރު ކަޅުއޮއްފުންމި ބެންނެވިއެވެ. މި ކުޑަކުޑަ ލަޝްކަރު ކޮންމެރެއަކު އިރުއޮއްސުމުން ރަށްރަށަށް އަރުއްވައި އެރަށްރަށުގައި ތިބި ޕޯޗުގީޒު ސިފައިން މަރުއްވަނީއެވެ. އަދި އިރުއެރުމުގެ ކުރިން އޮޑިއަށް ބޭނުންވާ ސާމާނު އަރުވައިގެން ރާއްޖެ ނުފެންނަ ހިސާބަށް ވަޑައިގަންނަވަނީއެވެ. މިހެން އުޅުއްވުމުގެ ތެރޭގައި އެއްރޭ ހއ. ތަކަންދޫގައި ޢަލި ތަކުރުފާނު ޝަހީދު ކޮށްލައިފިއެވެ. އެއީ ހިޖުރައިން 980 ވަނައަހަރެވެ. 

 ޢަލީ ތަކުރުފާނު ޝަހީދު ވުމުން ދެންތިއްބެވި ފަހުލަވާނުން އިތުރު ހިތްވަރަކާއެކު އެމަތިވެރި ޖިހާދަށް ހީވާގިކަން ގެންނެވިއެވެ. މުޙައްމަދު ތަކުރުފާނު އެމަނިކުފާނުގެ އެކުވެރިންނާއިގެން މާލެ އަރުއްވައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވައި އަނދިއަނދިރިންގެ ކަރަށް ބަޑިޖައްސަވައި އޭނާ މިދުނިޔެއިން ވަކިކުރެއްވިއެވެ. އެހިސާބުން ބާކީތިބި ޕޯޗުގީޒުން އަވަދިކޮށް ހުސްކޮށްލައްވައިލިއެވެ. 

 ރާއްޖެއަށް މިނިވަންކަމާއި ދިވެހިންގެ ދީން ކަމަށްވާ މާތްވެގެންވާ އިސްލާމްދީން އަލުން ހޯއްދަވައި ދެއްވިއެވެ. މިކަން ހިނގައިދިޔައީ ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލް އައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1573 ވަނަ އަހަރު ޖުލައި 2 ވަނަ ދުވަހެވެ. އެބޭކަލުން ދެއްކެވި ހިތްވަރާއި މިންނެތް މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ދުވަހަކީ އެ ދުވަސް ކަމުގައި ހަމަޖެއްސުނެވެ. ބޮޑުތަކުރުފާނަކީ އަދުގެ ޖީލަށް ލާމަސީލު ނަމޫނާއެކެވެ. ހިތްވަރުގަދަ ބަޠަލެކެވެ.
Tags: ބައޮގްރަފީ