ކަރަންޓް ހުރި ނަމަވެސް ކޮންމެވެސް ވަރަކަށް ފުޅި ބައްތި ގެންގުޅުނު ޒަމާނެވެ. އެހެން ނަމަވެސް އެ ދުވަސްވަރު އިރު އޮއްސުމަށްފަހު ރޭގަނޑު 10 ޖަހަންދެން ކަރަންޓް ލިބެއެވެ. ކަނު އަނދިރީގައި ވެސް ބަރާބަރަށް ނަމާދު ކުރުމުގެ އާދަ އަށަގަނެފައިވާ ރައްޔިތަކު ދިރިއުޅުނު ދުވަސްވަރެކެވެ. ދަރިން ކުރަންވީ ކަންކަން އެކި ވަގުތުތަކަށް ބަހާލައިގެން އެ އާދަތައް ދަމަހައްޓަމުން އައެވެ. 


ރޭގަނޑާއި ދުވާލު ވަކިކޮށްގެން ދިރިއުޅުމުގެ ރީތިއާދަ ދަމަހައްޓަމުން ދިޔައެވެ. ރަށަކީ މެދު ރާއްޖެތޭގެ ރަށްތަކުގެ ތެރެއިން ރަށެކެވެ. ވަޤުތަކީ ފަތިސްނަމާދު ވަޤުތެވެ. މޫސައަށް ފަތިސް ނަމާދަށް ހޭލެވުނީ ނަމާދު ވަޤުތު ވުމުގެ މާކުރިންނެވެ. ހޭލެވުމާއެކު ރޭޑިއޯ ހުޅުވާލިއެވެ. ރޭޑިއޯއަކުން އަޑެއް ބަޑެއް ނީވުނެވެ. ގޭތެރެ ބަލާލިއިރު އަދި ބައްޕަ ވެސް އޮންނެވީ ނިދި ކުރައްވާފައެވެ. މޫސަ ފެންވަޅު ގިފިއްޔަށް ވަދެ ދަތް އުނގުޅާ ވުޟޫ ކޮށްލުމަށްފަހު ގެއިން ނުކުތީ ބަންގި ގޮވުމުގެކުރިން މިސްކިތަށް ދިޔުމަށެވެ. މޫސަ މިސްކިތަށް ދިޔައި އަސްދޫންޏެއްގެ ހިނގުމުގައެވެ. އެއީ ވަޤުތުއޮތްކަމަށް މޫސައަށް ޤަބޫލު ކުރެވޭތީއެވެ.


 ތަންކޮޅަކަށް ދެވުނުތަނާ ޚިޔާލު ބަދަލުވެއްޖެއެވެ. އޭނާ މިޞްރާބުޖެހީ ހޮޅުއަށްޓާ ދިމާއަށެވެ. ޚިޔާލު ކުރެވެންފެށީ މާދަމާއާ މެދުގައެވެ. ދިއްލިފައިވާ މިލަ ހަނދުވަރުން ރަށުތެރެ ފެންނަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ގަސްކަރަ މަތިން އަންނަ ރޯޅި ދަނީ މުޅި ހަށިގަނޑުގައި ބީހިލާފައެވެ. ވަރަށް ވެސް އަރާމު ފަތިހެކެވެ. ހިތަށް އެރިއެވެ. މި އޮތީ ވައި އެނބުރޭ މޫސުމެވެ. މިހާރު މޫސުން ރީއްޗަކަސް އަލިވިލެންވާއިރަށް މޫސުން ބަދަލުވެދާނެއެވެ. 


 ޚިޔާލުތަކުގައި ނުތަނަވަސް ވެފައި އިންދާ ހީވީ މީހަކު އަތުގައި ހިފައި ކުއްލިއެއް ޖެހިހެންނެވެ. އެއީ ހޮޅުއަށްޓާ ނުހަނު ގާތުގައި ހުރި މިސްކިތުން ބަންގީގެ އަޑު އިވުމުންނެވެ. އިދިފުށަށް އެއްލާ މަޑިއަކަށް ޖެހިފައި ހަށިފޮޅާލާފައި ތެދުވެ މިސްރާބުޖެހީ މިސްކިތާ ދިލާއަށެވެ. 


 ފަތިސް ނަމާދަށްފަހު މިސްކިތުގެ ހަރިންމައިން ބޭރަށް ނުކުމެފައި އުޑުމަތި ބަލާލެވުނެވެ. ފަޅުވެފައިވާ ފެންޑާތަކާއި ގޯޅިތައް ފަސްދެމުންދިޔައީ ގެއާއި ދިމާއަށެވެ. 


 ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު ކޮޓަރިއަށް އައިސް ލިޔާ މޭޒު ދޮށުގައި ޖައްސާލީ ފޮތެއް ކިޔާލުމުގެ ބޭނުމުގައެވެ. ދުވާލު ގަޑީގައި ކަރަންޓް ނެތް ރަށަކަށްވާތީ އިރުކޮޅެއްނުވެ މޫސަ ހޫނުވަން ފަށައިފިއެވެ. އިރުކޮޅަކު މަޑު ކޮށްލުމަށްފަހު މޫސަ އުނދޯލި ގެއަށް ނުކުތީ ވައިޖައްސާލުމުގެ ބޭނުމުގައެވެ. ތާވަޅުގަނޑަކަށް ހަންޖެއްވަނީމާ ތާވަޅުތައް އުތުރި ގަންނަގޮތަށް ބައްޕައާއި ކޮއްކޮމެން ގޭތެރެއަށް އައީ އެކުއެކީގައެވެ. މޫސަ ހުރީ އަނގައިން ކުޅުހިކި ތަންމިނަށް އަނގަ ހުޅުވިފައެވެ. އެއި ދުވަހަކުވެސް އެ ގޭތެރެއިން ފެންނަ މަންޒަރެއް ނޫނެވެ. މިވީގޮތަކީ ރޭޑިއޯ ޕްރޮގްރާމުތައް ނުފަށާތީ އެކަމުގެ ޝަކުވާކުރަން ތިއްބާ ރަށު އޮފީހު ޕިޔޯނު ދުރުވެ ރާއްޖެއަށް ތަމަޅަ ބާޣީން އެރިވާހަކަ ބުނީޔޯލައެވެ. ހީވަނީ ހިކިދަރުގަނޑަކު ހުޅުފަންޖެހިހެންނެވެ. އިސާހިތަކު މި ވާހަކަ ހަލުވިކޮށް ރަށުތެރޭގައި ފެތުރިއްޖެއެވެ. މުޅިރަށުތެރެއިން ރޯއަޑާއި ހަޅޭއްލަވާ އަޑު އިވެންފަށައިފިއެވެ. އެމީހުން ތަފާތު ވައްތަރުގެ ބަޑި ހިފައިގެން މީހުން މަރާ ވާހަކައާއި އަމާން ދިނުމުން ބައެއް މީހުން ދޫކޮށްލާ ވާހަކަ ވެސް ދެކެވުނެވެ. 


 އިސާހިތަކު ރަށުގެ ކަމުވޮށިވެގެންވާ އެންމެން އެއްވެ ނިންމީ ރަށު ހުރިހާ ފިރިހެންވެރިން މެންދުރު ނަމާދު ޖަމާޢަތުގައި ކުރުމަށެވެ. އެއީ ޖެހިގެން އުޅޭ އާފާތްތެރިކަމުން ސަލާމަތްކޮށްދެއްވާތޯ ﷲ ޙަޟުރަތުގައި ދުޢާ ދެންނެވުމަށެވެ. 


 އެކަހަލަ ގޮތަކަށް ގޮސް އިރުއޮއްސިއްޖެއެވެ. އިންޑިޔާގެ މަނަވަރެއް ރާއްޖެ އައިސް ތަމަޅަ ޓައިގަރުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރި ވާހަކަ ފެތުރެން ފަށައިފިއެވެ. އެ ޚަބަރު ލިބުމާއެކު ޢިޝާނަމާދަށްފަހު އެކަމުން ސަލާމަތްކޮށްދެއްވީތީ ﷲގެ ޙަޟްރަތަށް ހާސްފަށުން ޝުކުރު އަދާކުރިއެވެ. މުޅި ދުވާލު ހިތަށް ވެފައިހުރި އުނދަގުލާއި ބިރުވެރިކަމުން ސަލާމަތްވުމުން ހުރިހާ މީހުންވެސް ވަރަށް އަވަހަށް ނިދައިފިއެވެ. 


 އެހެންރޭރެއެކޭ އެއްފަދައިން މޫސަ ފަތިސް ނަމާދުން ފައިބައިގެން ދިޔައީ ބައްޕައާއެކު މަހަށް ދިއުމުގެ ބޭނުމުގައެވެ. ރަށުގެ އަތިރިމައްޗާ ދިމާއަށް ދެވެންއޮތް ބޮޑުމަގަށް އެޅިތަނާ ކުރިމަތިން މާބާރަށް މީހަކު ދާތަން ފެނުނެވެ. މޫސަ ވެސް މެކުނެއް ފުންމަމުންދާހެން ހިނގުން ބާރުކޮށްލިއެވެ. ކަމަކު ދާކަށްނެތެވެ. މޫސަގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ކުރިމަތީގައި ފެންނަންމިހުރީ ތަމަޅަޓައިގަރެކެވެ. އޭނާގެ ކޮނޑުމަތީގައި ހުރި ބަޑި ފެނުމާއެކު މޫސަ ލައިގެންހުރި ސޯޓުބުރިއަށް ހީސްނުލެވުނީ ވެސް ކިރިޔާއެވެ. އެއީ ވަރަށް ބޮޑު ބަޑިއެކެވެ. ހީވަނީ ދެންމެ ދެންމެ ބަޑި ޖަހާފާނެހެންނެވެ. މޫސަ ކުއްލިއަކަށް ހިންގުން ހުއްޓާލުމަށްފަހު ދެއަތް މައްޗަށްނަގާ އަމާންދީފިއެވެ. 


 އަމާންދީ ދެލޯ މަރާ ތަގުޅިކޮށްގެން ހުރުމަށްފަހު އެއްވެސް ޚަބަރެއް ނުވެގެން ލޯހުޅުވާލިއިރު ނުހަނު ގާތުގައި މިހުރީ މޫސަގެ ބައްޕައެވެ. އެއީ ޓައިގަރެއްނޫނެވެ. މިވީގޮތަކީ މޫސަގެ ބައްޕަގެ ކުޑަ ބޮއްކުރާގައި އަޅާ އިންޖީނަކީ ކޮންމެ ދުވަހަކު ވެސް ގެއަށް ގެންދާ އެއްޗަކަށްވާތީ އެ ދުވަހު ވެސް އިންޖީނު ކޮނޑަށް ލައިގެން ގެއާއި ދިމާއަށް ދިޔައީޔޯލައެވެ. އިންޖީނު ފެނިގެން މޫސަ ނިންމީ އެއީ ތަމަޅަ ޓައިގަރެއްކަމަށެވެ. ހަޤީގަތުގައި މޫސައަށް އެ އިންޖީނު މި ފެނުނީ ބަޑިއެއްގެ ސިފައިގައެވެ. މިވީ ކަންތަކާމެދު ވިސްނާލެވުމުން މޫސައަށް ވެސް ހިނިއާދެއެވެ.
Tags: ވާހަކަ