ބަދުރު ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ހިނގާދިޔަ އެންމެ ފުރަތަމަ ހަނގުރާމައެވެ. މިއީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ކުރެވުނު ހަނގުރާމައެކެވެ. މި ހަނގުރާމައަކީ މުޅި އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ދަސްކޮށްދިން ހަނގުރާމައެކެވެ. 

 މުސްލިމުން މަދީނާއަށް ހިޖުރަކުރުމަށްފަހު ވެސް، މައްކާގެ މުޝްރިކުންގެ ފަރާތުން ކުރިމަތި ވަމުންދިޔަ އުނދަގޫތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. މުސްލިމުންގެ ދަނޑުބިންތަކަށް ވަދެ މީހުންގެ މުދަލާއި ދޫނިސޫފާސޫފިތަކަށް ގެއްލުން ދިނުމުގެ ޙަމަލާތައް ދިޔައީ އިތުރު ވަމުންނެވެ. ކަންމިހެން އޮތްއިރު، މައްކާގެ ވިޔަފާރި ކުރާ ބައެއްގެ ވިޔަފާރި ޤާފިލާއެއް މަދީނާއާއި ކައިރިން އަންނަ ޚަބަރު ކީރިތި ރަސޫލާﷺއަށް ލިބިވަޑައިގަތެވެ. މި މީހުންގެ ވެރިޔަކަށް ހުރީ މައްކާގެ އިސް ލީޑަރެއް ކަމުގައިވި އަބޫ ސުފުޔާނެވެ. 

 މަދީނާއާއި ކައިރިން ބަދުރުގެ މައިދާނަށް ޤުރައިޝުންގެ ބޮޑު ލަޝްކަރެއް މިސްރާބު ޖެހިކަން ރަސޫލާﷺއަށް އެނގިވަޑައިގަތެވެ. މިކަމާމެދު އަޞްޙާބުންނާއި، މަޝްވަރާ ކުރުމަށް، އަލްމިޤްދާދު ބިން ޢަމްރު ރަޟިއަﷲ ޢަންހު ތެދުވެވަޑައިގެން ވިދާޅުވިއެވެ. "ކަލޭގެފާނަށް އަމުރުވެވިގެންވާ ފަދައިން ކުރިއަށް ވަޑައިގަންނަވާށެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާ ގަންދީ ދަންނަވަމެވެ. ބަނޫއިސްރާއީލުން މޫސާގެފާނަށް ދެންނެވިފަދައިން އަޅުގަނޑުމެން ކަލޭގެފާނަކަށް ނުދަންނަވާ ހުށީމެވެ. ނަމަވެސް އަޅުގަނޑުމެން ކަލޭގެފާނަށް ދަންނަވާނީ ކަލޭގެފާނު ހަނގުރާމައަށް ވަޑައިގަންނަވާށެވެ. ހަމަޔަޤީނުން ވެސް ކަލޭގެފާނަށް ނަޞްރު ދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނޫއެވެ." 

 މުޝްރިކުންގެ ލަޝްކަރުގެ އަދަދު ކިތަންމެ ބޮޑުވެފައި ބާރުގަދަ ނަމަވެސް މި ހަނގުރާމައިގައި ނަޞްރު ލިބުނީ އިސްލާމީ ލަޝްކަރަށެވެ. މުސްލިމުންގެ އެންމެ 313 މީހުން، ހަމައެކަނި ދަތުރުމަތީގެ ހަތިޔާރާއި އެންމެ ދެ އަހާއި 70 ޖަމަލު ހިފައިގެން ގޮސް، 100 އަހާއި 700 ޖަމަލާއެކު 1،000 ހަނގުރާމަވެރިންގެ ލަޝްކަރަކާއި ބައްދަލުކުރިއެވެ. މިގޮތުން ކާމިޔާބާއި ނަޞްރު ލިބުނީ މާތްﷲގެ މަދަދާއި، މުސްލިމުންގެ ވަރުގަދަ އީމާނާއެކު، އެއްބައިވަންތަކަމުގެ ރިވެތި މިސާލު ދައްކައިގެން މުސްލިމުން ހަނގުރާމައިގެ މައިދާނުގައި ދެމިތިބީމައެވެ.
Tags: އޮމަދޫ ސުކޫލް