ހޭލެވުނީ ގަޑި ސޯނާވާ އަޑުފަށްގަނޑާއި އެކުގައެވެ. އޭރުވެސް އަހަރެންނަށް އިނދެވުނީ ޚިޔާލީ ދުނިޔެއަށް ގެއްލި ހުސްވެފައެވެ. ބިރާއި ސިހުމެއްގައި އިން އަހަރެންގެ ހިތް އޭރުވެސް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ސޯޅައަށް ލައިފައިވާ އޭސީއިން ވެސް ފިނިނުވާ ކަހަލައެވެ. އަހަރެންގެ ގައިން ދާހިއްލަމުން ދިޔައެވެ. ސިއްސައިގެން ގޮސް ހަމަ ދުނިޔެއަށް އާދެވުނީ ގުގުރާލި އަޑަށެވެ. އޭރުވެސް ފުރާޅު މައްޗަށް ވާރޭވެހެމުން ދިޔައެވެ. 

އަހަރެން ކޮޅަށް ތެދުވެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންނަކަށް އިންތަނުން ހިއްލާ ވެސް ނުލެވުނެވެ. ހީވަނީ ދެފައިގައި ހިލަހިލާ ޖަހާފައި ހުރިހެންނެވެ. އިނގިއްޔެއް ވެސް ހަލުވާލުމަށް އަހަރެންނަށް ވެފައިވީ ވޭންދެނިވި ކަމަކަށެވެ. މިއީ އަހަރެންގެ ތަޤުދީރު ލިޔެވިފައިވާ ގޮތްބާވައެވެ. 

 މަޑުމަޑުން ލޮލުން ކަރުނަ ތިކިތައް ފައިބައިގެން ގޮސް އަހަރެންގެ ކޯތާފަތް ތެންމަމުން ދިޔައެވެ. އެޙާލުގައި ވެސް އަހަރެން ބެލީ ކޮޓަރީގެ އެއްކަނެއްގައި ބަހައްޓާފައި ހުރި މޭޒު ކައިރިއަށް ދެވޭތޯއެވެ. ފިރުކިފައިކަހަލަ ގޮތަކަށް އަހަރެން ގޮދަޑިމަތިން ފޭބީމެވެ. ބާރު ދެރަވެ، ހިކި އަނަރޫފަވެފައިވާ އަހަރެންނަށް އަމިއްލަ ޙާލައިގެން އުޅެވެނީ ކިރިޔާއެވެ. މިދުނިޔޭގައި އެހީވާނެ ޔާރެއް އިޔާރެއް އަހަރެންނަކަށް ނުވެއެވެ. 

 ލޫދެމުން ކަހަލަގޮތަކަށް މޭޒުކައިރިއަށް ގޮސް، ހިކިފައިވާ ކަރުތެރެ ތެންމާ ލެވޭތޯ ބެލީމެވެ. ފެންބޯން ބަލާލިއިރު ފެންފޮދެއްހައި ހިސާބުވެސް އެތާންގައި ނެތެވެ. އަހަރެންނަށް ގިސްލެވެން ފެށުނެވެ.

 އަހަރެންނަށް ރުއިން ހުއްޓާލެވުނީ ދަބަރު އަޑެއްކިޔާފައި ދޮރުގެ ތަޅު އެނބުރުނު އަޑަށެވެ. ކަރުނަ ފޮހެލުމަށްފަހު އެ ދިމާއަށް ބަލާލެވުނެވެ. ދޮރުގެ ފަހަތުން ކަޅު ކަޅު މީހެއް ނުކުތެވެ. ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. މޫނުގައި ފޮތިގަނޑެއް ބަނދެފައި ހުރުމުން މޫނު ވަކިވާވަރެއް ނުވިއެވެ. 

 އޭނާ މަޑުމަޑުން އަހަރެންނާއި ކައިރިވަމުން ދިޔައެވެ. ނުކުޅެދިފައިވާ އަހަރެންނަށް އޮވެވުނީ ގޮތްހުސްވެފައެވެ. އޭނާ ކައިރިވަމުން ދިޔަވަރަކަށް ދަންނަ މީހެއްގެ ވަސް ޖެހުނެވެ. އެއީ އެއީ ދެވަނަ އެހެން ވަހެއް ނޫނެވެ. އަހަރެންގެ ބައްޕަގެ ބޮޑީސްޕްރޭ ވަހެވެ. 

 ބިރުން ގޮސް އަހަރެން ތުރުތުރު އަޅަން ފެށިއެވެ. މާނޭވާ ވެސް ލެވެން ފެށިއެވެ. މިކޮޓަރީގައި އަހަރެން އިންނަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް އެ ނުލަފާ ބައްޕައެވެ. 

 އާންއެކެވެ. އަހަރެންގެ ޙަޔާތުގައި އަހަރެންގެ ބައްޕައަކީ އަހަރެންގެ މިތުރެއްނޫނެވެ. ހަތުރެކެވެ. މި ވާހަކަ ބުނަން އަހަރެން ލަދުގަތް ނަމަވެސް މިއީ ޙަޤީޤަތެވެ. ބައްޕަ ފިރިހެން ކުއްޖެއްގެ ބޭނުން ވެފައި ހުއްޓައި ލިބުނީ އަހަރެންނެވެ. އެރުޅީގައި ބައްޕަ ހުއްޓައި އެނގުނީ އަހަރެންނަށް ދުވަހަކު ވެސް ނުހިނގޭނެކަމެވެ. ދެފައި ވާގި ގޮސްފައި ވާކަމެވެ. 

 މިކަމުގެ ރުޅީގައި ބައްޕަ އަހަރެންގެ މަންމަ މަރާލީއެވެ. އެ ލޯބިވެތި މަންމަގެ ކުށަކީ ކޮބައި ބާވައެވެ؟ މަންމަ މަރާލުމަށްފަހު، ބައްޕަ އަހަރެން ކޮޓައިއަކަށް ލިއެވެ. އަހަރެންގެ ސިފަ ދުށުމަށް ވެސް ބޭނުން ނުވާތީއެވެ. ހުރިހާ އަލިމަގެއް ބަންދުވެފައިވާ އަހަރެންގެ ޙަޔާތެކޭ ކޮޓަރީގައި އެނބުރޭ ފަންކާއެކޭ އެއްފަދައެވެ. ބަންދު ކޮޓަރިއެކޭ އެއްފަދައެވެ. 

 ބައްޕަ ކައިރިވަމުން އައީ އަހަންނަށް މަރުގެ އިންޒާރުތައް ދެމުންނެވެ. ކުރެވޭނެ އިތުރު ކަމެއް ނެތިފައިވާ އަހަންނަށް އިނދެވުނީ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔާލަ ކިޔާލައެވެ. ތަޤުދީރު އަހަރެންނާއި މި ކުޅެމުންދަނީ ކޮންކަހަލަ ސަމާސާއެއްބާވައެވެ؟ 

 ކުއްލިއަކަށް ދޮރު ފަޅާލާފައި ފުލުހުންތަކެއް ވަދެއްޖެއެވެ. އަދި ބައްޕަ ގެ އަތުގައި ގަދަކަމުން ބިޑި އަޅުވައިގެން ގެންދިޔައެވެ. އާންއެކެވެ. އަހަރެންގެ ދުޢާ އިޖާބަ ކުރެއްވީއެވެ. އަހަރެންނަށް ޝުކުރުވެރިކަމާއިއެކު މަތި ބަލާލެވުނެވެ. 

 މާޒީގެ ހިތި ޞަފުޙާއިން އަހަރެންނަށް އެއްކިބާ ވެވުނީ ގަލަން ވެއްޓުމާއެކުގައެވެ. އަޅާވެސް ނުލާ އަހަރެން އިނީމެވެ. އަހަރެން މި ވާހަކަ މި ލިޔުނީ އަހަރެންގެ ފަހު ދުވަސްތައް ގުނަމުން ދާތީއެވެ. ކޮށްފައިވާ އަނިޔާއާއި ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އަހަރެން ވަނީ ޑިޕްރެސްވެ، ނަފްސާނީ ބަލިމަޑުކަމެއް ތަޙައްމަލުކުރަން ޖެހިފައެވެ. މިއިން ދުވަހަކު އަހަރެން ލޯ މަރާލި ކަމުގައި ވީނަމަވެސް އެހެންމީހަކަށް އަހަރެން ތަޙައްމަލު ކުރަން ޖެހުނު ކަންކަން ކުރިމަތިވާކަށް ނޭދެމެވެ. މަރާއި ހަނގުރާމަ ކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.
Tags: ސްކޫލް ވާހަކަ