އިޙްތިރާމް ކުރުމަކީ މީހުންނަށް މާތްކޮށްހިތައި ކަމޭހިތުމެވެ. އަނެކާ ލަދުގަންނާނެ ނުވަތަ އަގުވެއްޓޭފަދަ ކަމެއް ތިމާ ނުކުރުމެވެ. އަދި އިޙްތިރާމް އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމެވެ. 

 އިސްލާމްދީނަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރާ ދީނެވެ. ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށެވެ. މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށެވެ. މުދައްރިސުންނާއި ވެރިންނަށެވެ. ދުރުހިލޭ މީހުންނަށާއި، އަވައްޓެރިންނަށާއި އަދި އެކުވެރިންނަށެވެ. ޖުމްލަކޮށް ބަލާއިރު، ހުރިހާ ކަމެއްގައިމެ، ހުރިހާ އުމުރެއްގެ މީހުންނަށް އިޙްތިރާމާއި ޤަދަރު ކުރުމީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރެއިންވާ ކަމެކެވެ. 

 މާތް ނަބިއްޔާ ﷺގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "އަހަރެމެންގެ ބޮޑެތި މީހުންގެ ޙައްޤުތައް ނުދަންނަ، އެބައިމީހުންނަށް އިޙްތިރާމް ނުކުރާ މީހުންނާއި، އަހަރުމެންގެ ކުޑަ ކުދިންނަށް އޯގާތެރިނުވާ މީހުންނީ، އަހަރުމެންގެ މަންހަޖުން ބޭރުވެގެންވާ ބައެކެވެ." މިޙަދީޘުން ވެސް އިޙްތިރާމްކުރުމުގެ މުހިންމުކަން އެނގިގެންދެއެވެ. 


 އިޙްތިރާމް ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަނެކާއާއި ބައްދަލުވާ ހިނދު ސަލާމްކުރުމާއި، ސަލާމް ބަލައިގަތުމާއި، އަނެކާ ނިކަމެތިކޮށް ނުލުމާއި، އައިބު ފާޅުނުކުރުމާއި، އަބުރު ދިފާޢު ކުރުމާއި، އަނެކާއާއި ބައްދަލުވާ ހިނދު ޙާލުއަޙުވާލު އޮޅުން ފިލުވުމާއި، މަޖިލިސްތަކުގައި ތިމާ ބޮޑެތި މީހުންނަށްވުރެ އަޑު މަޑުކުރުމާއި، އެމީހުންނަށް ތަންދެއްކުމާއި، ވާހަކަ ދެއްކުމުގައި އަދަބުވެރިކަމާއެކު ރިވެތި ބަހުން ވާހަކަ ދެއްކުމާއި، މައިންބަފައިންނާއި، މުދައްރިސުންނާއި އެހެންވެސް މީހުންދޭ ހެޔޮ ނަޞޭޙަތް އަޑުއެހުން ފަދަ ކަންކަން ހިމެނެއެވެ. 

 އިޙްތިރާމްކުރުމުގައި އެންމެ އިސްކަންދޭންޖެހެނީ މާތްﷲ އާއި އެކަލާނގެ ރަސޫލާﷺއަށް އިޙްތިރާމްކުރުމަށެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ.(احجرات : 1) މާނައީ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މާތްﷲގެ ޙަޟްރަތުގައި އަދި އެކަލާނގެ ރަސޫލާﷺ ގެ އަރިހުގައި ތިޔަބައިމީހުން (އެއްވެސް ކަމެއްގައި) އިސްވެނުގަންނާށެވެ!" އޭގެ ފަހުން މައިންބަފައިންނާއި، ވެރިންނާއި، ޢިލްމުވެރިންނާއި، މުދައްރިސުންނާއި، ބޮޑެތިމީހުންނަށް އިޙްތިރާމް ކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ.
Tags: ދީނީ