ޚާލިދު ބުނު ވަލީދު (ރަޟިޔަﷲ) ޢަންހުއަކީ އިސްލާމީ ތާރީޚުގައި ލަޝްކަރުތަކުގެ ކޮމާންޑަރެއްގެ ހައިޞިއްޔަތުން އެއްވެސް މީހަކަށް އެއްވަރު ނުކުރެވޭ ފަދަ ބޭކަލެކެވެ. އެކަލޭގެފާނުގެ ހުނަރުވެރިކަމާއި ހިތްވަރުގެ ސަބަބުން، އިސްލާމީ ލަޝްކަރުގެ ފަތަޙަތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެކަލޭގެފާނަށް " ސައިފުﷲ " ނުވަތަ " ﷲ ގެ ކަނޑި " މި ލަޤަބު ދެވުނު ގޮތަކީ ވަރަށް ގިނަ ފިލާވަޅުތަކެއް އެކުލެވޭ ޙާދިސާއެކެވެ. މި ލަޤަބު އެކަލޭގެފާނަށް ލިބިވަޑައިގަތީ ހިޖުރައިން 8 ވަނަ އަހަރު ހިނގި މުޢުޠާ ހަނގުރާމަގެ ތެރެއިންނެވެ. 

 މުޢުޠާ ހަނގުރާމައަކީ ރޫމީންނާއި މުސްލިމުންނާއި ދެމެދު ހިނގި ހަނގުރާމައެކެވެ. މުސްލިމުންގެ އަދަދު 3000 ށް އަރާއިރު ރޫމީންގެ (ރޫމުގެ މީހުން) އަދަދު 100،000 އަށް ވުރެ ގިނައެވެ. މި ހަނގުރާމަ ފެށުނުއިރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމް ތިން ކޮމާންޑަރުން ޢައްޔަން ކުރެއްވިއެވެ. ފުރަތަމަ ކޮމާންޑަރަކީ ޒައިދު ބުނު ޙާރިސް (ރަޟިޔަﷲ) ޢަންހުއެވެ. އެކަލޭގެފާނު ޝަހީދުވެ ވަޑައިގަތުމަށްފަހު، ޖަޢުފަރު ބުނު އަބީ ޠާލިބު (ރަޟިޔަﷲ) ޢަންހު ކޮމާންޑަރަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު ވެސް ޝަހީދުވެވަޑައިގަތުމުން މުސްލިމު ލަޝްކަރަށް ދިމާވީ ވަރަށް ބަލިކަށި ޙާލަތެކެވެ. 

 މުސްލިމު ލަޝްކަރުގެ ރޫޙު ކެނޑި، އެއްބަޔަކު އަނެއްބަޔަކާއި ޚިޔާލު ތަފާތުވެފައިވާ ވަގުތެއްގައި ޚާލިދު ބުނު ވަލީދު (ރަޟިޔަﷲ) ޢަންހުއާއި ލަޝްކަރުގެ ކޮމާންޑަރުކަން ޙަވާލު ކުރެވުނެވެ. އެކަލޭގެފާނު ވަގުތުން ލަޝްކަރުގެ އިންތިޒާމު ބަދަލުކުރައްވައި ހަނގުރާމައިގެ އާ ގޮތްތަކެއް ތަންފީޒު ކުރެއްވިއެވެ. އެކަލޭގެފާނު ހަނގުރާމައިގެ ފުރަތަމަ ސަފު ފަހަތަށް ޖައްސަވައި، ފަހު ސަފު ކުރިއަށް ގެންދެވިއެވެ. މިކަމުގެ ސަބަބުން ރޫމީން (ރޯމުގެ މީހުން) ހީކުރީ އިތުރު މީހުން މުސްލިމުންގެ ލަޝްކަރަށް އައިސްފައިވާ ކަމަށެވެ. މީގެ އިތުރުން އެކަލޭގެފާނު އެތަނުން ބައެއް މީހުންނަށް އަމުރުކުރެއްވީ ހަނގުރާމައިގެ މައިދާނުން ދުރަށް ގޮސް، ދުރުން ފެންނަ ވަރަށް އަނބުރާ އަންނާށެވެ. މިކަމުގެ ސަބަބުން ރޫމީންނަށް ހީވީ މުސްލިމުންނަށް އެހީވާން އިތުރު ލަޝްކަރެއް އަންނަނީ ކަމަށެވެ. ޚާލިދު ބުނު ވަލީދު (ރަޟިޔަﷲ) ޢަންހުގެ މިފަދަ މޮޅު ހަނގުރާމައިގެ އުކުޅުތަކުގެ ސަބަބުން ރޫމީންގެ ހިތްތަކަށް ބިރުވެރިކަންވަދެ، އެމީހުންގެ ތެރޭގައި ހަމަނުޖެހުންތައް އުފެދުނެވެ. އެކަލޭގެފާނުގެ މޮޅު ޙިކުމަތްތެރިކަމާއި (ކަންފަހިކަމުގެ ހުނަރު) ހުނަރުގެ ސަބަބުން މުސްލިމުންގެ ލަޝްކަރު ނެތި ދިއުމުން ސަލާމަތް ކުރައްވައި، މަދު ގެއްލުންތަކަކާއެކު މުސްލިމުން ރޫމީންގެ ލަޝްކަރުގެ ބައިވެރީން ފަހަތަށް ޖައްސަވައި، މަދީނާއަށް ދިއުމުގެ ފުރުސަތު ހޯއްދަވައި ދެއްވިއެވެ. 

 މަދީނާއަށް އެނބުރި ވަޑައިގަތުމުން، ރަސޫލާﷺ ޚާލިދު ބުނު ވަލީދު (ރަޟިޔަﷲ) ޢަންހުއަށް " ސައިފުﷲ " ނުވަތަ " ﷲ ގެ ކަނޑި " މި ލަޤަބު ދެއްވިއެވެ. އެކަލޭގެފާނުގެ ހިތްވަރާއި، ހަނގުރާމައިގެ ހުނަރުވެރިކަމާއި، ﷲގެ މަގުގައި ކުރެއްވި ޖިހާދުގެ މަތިވެރިކަން ހަނދާން ކޮށްދޭ މި ލަޤަބަކީ، އިސްލާމީ ތާރީޚުގައި އެކަލޭގެފާނުގެ ނަންފުޅު އަބަދަށްޓަކައި ދިރިހުންނާނެ ސަބަބެކެވެ.
Tags: ދީނީ