7 އޮކްޓޯބަރ 2025 ވީ އަންގާރަ ދުވަހަކީ އޮމަދޫގެ ތާރީޚްގައި މުހިންމު ޞަފްޙާއެއް ލިޔެވިގެން ދިޔަ ދުވަހެކެވެ. އެއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޮމަދުއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއިއެކު އޮމަދޫ ރައްޔިތުންގެ އުއްމީދުތަކެއް އާވެގެން ދިޔަދުވަހެކެވެ. އެދުވަހުގެ މެންދުރުފަހު ރައީސް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާތީ މުޅި އޮމަދޫ ވަނީ ޒީނަތްތެރިކޮށްފައެވެ. މަގުތައް ކުނިކަހައި ދިދަފަތި ދަމައި ރަތްދޫލައިން މަރުޙަބާ ކިޔުމަށް މުޅި ރަށް އޮތީ ތައްޔާރަށެވެ. މަރުޙަބާ ދެންނެވުމަށް ޓަކައި، ރަށުގެ ކުދިބޮޑު އެންމެން ބަނދަރު ސަރަޙައްދަށް ޖަމާވިއެވެ. 

 ގާތްގަނޑަކަށް އެދުވަހު މެންދުރުފަހު 13:30 ކަންހާއިރު ރައީސް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ސްކޫލު ދަރިވަރުން ހުށަހަޅައިދިން ޅެމަކުންނެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި ސަލާމް ކުރެއްވިއެވެ. އޭގެފަހުން އޮމަދޫ ސްކޫލަށް ވަޑައިގެން ސްކޫލުގެ ޕީ.ޓީ.އޭއިން ތައްޔާރުކޮށްފައިވާ މެންދުރުގެ ފަރިއްކޮޅަށް އިންސާފު ކުރެއްވިއެވެ. 

 ރައީސްގެ މި ދަތުރުފުޅުގައި އޮމަދޫގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް ވަނީ ފައްޓަވައިދެއްވާފައެވެ. މީގެ ތެރޭގައި ވޮލީކޯޓާއި ކައުންސިލް އިދާރާއާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރގެ ބިންގާ އަޅުއްވައި، މަރުކަޒުގެ އިތުރުކުރެވޭ ބަޔާއި ވޮލީކޯޓުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވިއެވެ. އޭގެއިތުރުން ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން ވެސް ހިމެނެއެވެ. ހަމައެހެންމެ އޮމަދޫއާއި ކައިރީގައިވާ ކުޑަދުއިފަޅާއި ރިންމަސްގިރިއާއި ކަމާފުށި ފިނޮޅަކީ އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. މިމަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ގެނެސްދޭނެ މަޝްރޫޢުތަކެއްކަން ޔަޤީނެވެ. 

 އެ ދުވަހުގެ މެންދުރުފަހު 3:00 ގައި ރައީސް ވަނީ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަށް ރަށުގެ ގިނަ ބަޔަކު ވަނީ ހާޒިރުވެފައެވެ. ބައްދަލުވުމުގައި ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ކުރައްވަން ރޭވިފައިވާ ކަންކަމާއި ގުޅޭގޮތުން ތަފްޞީލީ މަޢުލޫމާތު ދެއްވާފައެވެ. 

 ރައީސުލްޖުމްހޫރިއްޔާ އޮމަދޫއިން ފުރައިވަޑައިގަތީ އެދުވަހުގެ 4:30 ހާއިރުގައެވެ. ރައީސްގެ މި ޒިޔާރަތާއި ގުޅިގެން އޮމަދޫ ރައްޔިތުންގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ކުލަވަރު ފެނުނެވެ. ޚާއްޞަކޮށް ރަށުގެ އިޖްތިމާޢީ އަދި އުމްރާނީ ތަރައްޤީއަށް ފެށިގެންދިޔަ މަޝްރޫޢުތަކާއެކު، މުސްތަޤުބަލަށް ކުރިއެރުންތަކެއް ލިބިގެންދާނެކަން ޔަޤީނެވެ.
Tags: އޮމަދޫ ސުކޫލް