އދ. އޮމަދޫގެ މި ތަޢުލީމީ ދަނާލުގެ ނަން ތާރީޚުގައި ހަތަރު ފަހަރެއްގެ މަތިން ބަދަލުވެފައިވެއެވެ. އެންމެ ފުރަތަމަ މި މަދަރުސާ އުފެދުނުއިރު ކިޔަމުން އައީ ”މަކްތަބުލް ވަރުދާ“ އެވެ. ދުވަސްތަކެއް ވުމަށްފަހު މި ނަން އޮމަދޫ މަކްތަބަށް ބަދަލުވިއެވެ. އޭގެ ފަހުން އޮމަދޫ މަދަރުސާގެ ނަމަށް ބަދަލުކުރެވުނެވެ. އަދި މިހާރު މި ތަޢުލީމީ މަރުކަޒު މަޝްހޫރުވެގެންދަނީ އޮމަދޫ ސްކޫލްގެ ނަމުގައެވެ.
ތާރީޚީ ލިޔެކިޔުންތަކުން ދައްކާގޮތުގައި، އދ. އޮމަދޫގައި ކުޑަކުދިންނަށް ކިޔަވައިދޭން ފެށީ 1948 ވަނަ އަހަރު، ރަށު އޮފީހުގެ އިސްނެގުމުގެ ދަށުން ރައްޔިތުންގެ މަޝްރޫޢެއްގެ ގޮތުގައެވެ. ފުރަތަމަ ކިޔަވައިދިނުން ކުރިއަށް ގެންދިޔައީ މިހާރުގެ ”ކުޅިބަލާގެ“ ހުރިތަނުގައި އޭރު ހުރި މަޢުލޫދު ހަރުގޭގައެވެ. އެތަން ބާވެ ހަލާކުވުމުން، ”ދިލްކުޝާގެ“ އިރުމަތިން ހުރި ”އީސާގެ“ އަށް ކިޔަވައިދިނުން ބަދަލުވެ، އެތަނުގައި ގާތްގަނޑަކަށް 6 މަސްދުވަހު ކިޔަވައިދިނެވެ. މިއީ ދަނޑިފަނުން އަޅައިފައިވާ، މީހުން ދިރިނޫޅޭ އަމިއްލަ ފަރާތެއްގެ ގެއެކެވެ.
1950 ވަނަ އަހަރު ސަރުކާރުގެ އިރުޝާދާ އެއްގޮތަށް، ރަށުގެ އިސްވެރިންގެ ބެލުމުގެ ދަށުން ރައްޔިތުން އިމާރާތްކުރި މަދަރުސާގައި ކިޔަވައިދޭން ފެށުނެވެ. މި މަދަރުސާ ހުރީ ”ކަނީރުގެ“ ހުޅަނގު ފަރާތު ބިމުގައެވެ. އެއީ މިހާރުގެ ޕްރީސްކޫލް އިމާރާތް ހުރި ތަނެވެ. މި އިމާރާތުގެ ބޮޑުމިނަކީ 37 ފޫޓް × 29 ފޫޓެވެ. މި އަހަރަކީ މަދަރުސާ ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ކިޔަވައިދޭން ފެށި ފުރަތަމަ އަހަރެވެ.
1990 ޖުލައި 15 ވަނަ ދުވަހު ހުޅުވުނު އައު އިމާރާތަކީ ސަރުކާރުން ތަކެތި ހަދިޔާކުރެއްވުމާއެކު ރައްޔިތުންގެ މަސައްކަތުން ނިންމި އިމާރާތެކެވެ. މި އިމާރާތުގައި 3 ކްލާސްރޫމާއި އޮފީހެއް ހިމެނެއެވެ. 73 ފޫޓް × 28 ފޫޓުގެ ބޮޑުމިނުގެ މި އިމާރާތް ހުރީ ޖަނަވަރީމަގުގެ ހުޅަނގުން އަމީނީމަގުގެ ދެކުނުގައެވެ. އެއީ މިހާރު އޮމަދޫ ސްކޫލު ހުރި ތަނެވެ.
މިވަގުތު އޮމަދޫ ސްކޫލަކީ ޖުމްލަ 10 ކްލާސްރޫމް ހިމެނޭ ތަޢުލީމީ މަރުކަޒެކެވެ. މި ސްކޫލްގައި ކިޔަވައިދެވެނީ ތުއްތު ކުދިންގެ ފެންވަރުން ފެށިގެން (އެލް.ކޭ.ޖީ) މަތީ ސާނަވީ ފެންވަރާ ހަމައަށް (ގްރޭޑް 10) އެވެ. ދަރިވަރުންގެ އަދަދު 261 އަށް އަރާއިރު، 29 މުދައްރިސުން ކިޔަވައިދިނުމުގެ ޚިދުމަތުގައި އެބަތިއްބެވެ. ސްކޫލްގެ ހުރިހާ ޙަރަކާތްތަކެއްވެސް ކުރިއަށްދަނީ އެއް ދަންފަޅިއަށެވެ.


Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.